ހިންމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް މީރާއިން ކޯޓަށް

ހިންމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ޅ. އަތޮޅު ފިހާރައިގެ އިރުމަތީބައިގެ ދެކުނު ފެންޑާއިން ކުއްޔަށް ހިފާފައިވާ ބައިގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި ކަނޑައެޅިފައިވާ ތާރީޚަށް ފައިސާ ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާ މީރާއަށް ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް އެ ފަރާތުން ޢަމަލު ކޮށްފައި ނުވާތީ، އެ ހުކުމް ތަންފީޒުކުރުމަށް މީރާއިން މިއަދުވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

20 މެއި 2012 ގައި ސިވިލް ކޯޓުން އިއްވެވި ހުކުމުގައި، 1 ފެބްރުއަރީ 2010 އިން 31 ޑިސެމްބަރ 2010 ގެ ނިޔަލަށް ޅ. އަތޮޅު ފިހާރައިގެ އިރުމަތީބައިގެ ދެކުނު ފެންޑާއިން ބައެއް ކުއްޔަށް ހިފުމަށް މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އާއެކު ހިންމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ދައުލަތަށް ދައްކަންޖެހޭ ފައިސާއާއި ކަނޑައެޅިފައިވާ ތާރީޚަށް މި ފައިސާ ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާ، 6 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް އަމުރުކުރައްވާފައިވެއެވެ. މިގޮތުން ހިންމަތް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ދައުލަތަށް ދައްކަންޖެހި ނުދައްކައިވާ ފައިސާގެ އަދަދަކީ 464,346/- (ހަތަރުލައްކަ ފަސްދޮޅަސް ހަތަރުހާސް ތިންސަތޭކަ ސާޅީސްހައެއް) ރުފިޔާއެވެ.

26-11-12