އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓުތަކުގައިވާ ފައިސާ ހިފެހެއްޓުމަށް ސިވިލް ކޯޓުން އަމުރު ކޮށްފި

އެލަޔަންސް މެނޭޖްމަންޓް ސާރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާއި ދެކޮޅަށް މީރާއިން ސިވިލް ކޯޓުގައި ދަޢުވާ އުފުލި މައްސަލައެއްގައި 17 ޖުލައި 2012 ގައި ސިވިލް ކޯޓުން އިއްވި ޙުކުމާއި އެއްގޮތަށް އެކުންފުނިން ޢަމަލު ކޮށްފައި ނުވާތީ އެކުންފުނީގެ ބޭންކް އެކައުންޓުތަކުގައިވާ އެއްވެސް ފައިސާއެއް ނުނެގޭ ގޮތަށް ހިފެހެއްޓުމަށް ބޭންކުތަކަށް ސިވިލް ކޯޓުން އަމުރުކޮށްފިއެވެ.

            19 ނޮވެމްބަރ 2012 ވަނަ ދުވަހު ބޭންކުތަކުގެ މައްޗަށް ސިވިލް ކޯޓުން ނެރުނު މިއަމުރަކީ އެލަޔަންސް މެނޭޖްމަންޓް ސާރވިސަސް ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުގެ އޭޖެންޓުކަމުގައި 2011 ވަނަ އަހަރު ޑިސެމްބަރ މަހު ރާއްޖެއައި އެމް.އެސް. ކޮސްޓަރ ރޮމޭންޓިކާގެ ޓޫރިޒަމް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާ މީރާއަށް ދައްކައި ޚަލާސްކުރުމަށް އެކުންފުނީގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ޙުކުމާ އެއްގޮތަށް އެކުންފުނިން އަމަލު ކޮށްފައި ނުވާތީ އެ ޙުކުމް ތަންފީޒުކުރުމަށް މީރާއިން 22 އޮކްޓޯބަރ 2012 ގައި ސިވިލް ކޯޓަށް ހުށަހެޅި މައްސަލައާއި ގުޅިގެން ނެރެފައިވާ އަމުރެކެވެ.

17 ޖުލައި 2012 ގެ ޙުކުމުގައި އެމް.އެސް. ކޮސްޓަރ ރޮމޭންޓިކާގެ ޓޫރިޒަމް ޓެކްސްގޮތުގައި ދައްކަންޖެހޭ ފައިސާ ދައްކަންޖެހޭ ތާރީޚަށް ނުދެއްކުމުގެ ސަބަބުން އެ ކްރޫޒްލައިންގައި ހުރި ޖުމްލަ 1500 (އެއްހާސް ފައްސަތޭކަ) އެނދަށް، ކޮންމެ އެނދަކަށް -/1000ރ (އެއްހާސް ރުފިޔާ) ގެ މަގުން ކުރެވިފައިވާ -/1,500,000ރ. (އެއް މިލިއަން ފަސް ލައްކަ ރުފިޔާ) ގެ ޖޫރިމަނާ އެތާރީޚުން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި ދައްކައި ޚަލާސްކުރުމަށް ސިވިލް ކޯޓުން އަމުރުކޮށްފައިވެއެވެ.

21-11-12