ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މ.ފުޖީ އަލީ ވަޙީދު އާ ދެކޮޅަށް މީރާއިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ހުކުމް ތަންފީޒުކޮށް ސިވިލް ކޯޓުން އިއްވެވި ޙުކުމާއި ވިދިގެން އެފަރާތުން ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކޮށްފިއެވެ.
5 ނޮވެމްބަރ 2012 ގައި ކޯޓުން ނިންމެވި ނިންމުމުގައި، 04 މާރޗް 2012 ވަނަ ދުވަހު އިއްވެވި ސިވިލް ކޯޓުގެ ނަންބަރު 260/Cv-C/2012 ޤަޟިއްޔާގެ ޙުކުމާ އެއްގޮތަށް އަލީ ވަޙީދު މިއޮތޯރިޓީއަށް ދައްކަންޖެހޭ ފައިސާ ދައްކާފައިނުވާކަމަށް ޝަރީޢަތަށް ސާބިތުވާކަމަށް ކަނޑައަޅައި، 1 (އެކެއް) މަސްދުވަހުގެ މުއްދަތަށް ގޭގައި ބަންދުކުރުމަށާއި، 4 މާރޗް 2012 ގައި ސިވިލް ކޯޓުން އިއްވެވި ޙުކުމާ އެއްގޮތަށް ޢަމަލުކުރުމަށް އަލީ ވަހީދުގެ މައްޗަށް ހުކުމްކުރައްވާފައިވެއެވެ. އަދި ކޯޓުން ނިންމެވި ނިންމުމާ ގުޅިގެން، ޢަލީ ވަހީދު ދައުލަތަށް ދައްކަންޖެހޭ ފައިސާ 6 ނޮވެމްބަރ 2012 ވަނަ ދުވަހު ވަނީ ދައްކައި ޚަލާސްކޮށްފައެވެ.
ޙުކުމް ތަންފީޒުކުރުމަށް މީރާއިން ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލައަކީ މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރާއި މ. ފުޖީ، އަލީ ވަހީދާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ ދަށުން ދަނޑުވެރިކަމުގެ މަސައްކަތްކުރުމަށް ދިގުމުއްދަތަކަށް ދޫކުރެވިފައިވާ ށ. ކަކާއެރިޔަދޫއާއި ގުޅިގެން، ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ކަނޑައެޅިފައިވާގޮތަށް ކުލި ނުދެއްކުމުން ކުރެވިފައިވާ ޖޫރިމަނާގެ ފައިސާގެ ޖުމްލަ 154,307.71ރ. (އެއްލައްކަ ފަންސާސް ހަތަރުހާސް ތިން ސަތޭކަ ހަތް ރުފިޔާ ހަތްދިހަ އެއް ލާރި) ހޯދުމަށް ހުށަހެޅުނު މައްސަލައެކެވެ.