ކާޓާގެ މެނޭޖްމަންޓް ކޮމިޓީއަށް ދިވެހިރާއްޖެ އިންތިޚާބު ކުރެވިއްޖެ

ކޮމަންވެލްތު ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، އެ އިދާރާތަކުގެ މެދުގައި ގުޅުން ބަދަހިކުރުމުގެ ގޮތުން އުފައްދާފައިވާ ޖަމްއިއްޔާއެއް ކަމުގައިވާ ކޮމަންވެލްތު އެސޯސިއޭޝަން އޮފް ޓެކްސް އެޑްމިނިސްޓްރޭޓަރސް (ކާޓާ) ގެ މެނޭޖްމަންޓް ކޮމިޓީއަށް ދިވެހިރާއްޖެ އިންތިޚާބު ކުރެވިއްޖެއެވެ. މި ކޮމިޓީއަށް ދިވެހިރާއްޖެ އިންތިޚާބު ކުރެވުނީ މި އޮކްޓޯބަރު މަހުގެ 14 ވަނަ ދުވަހު މޯލްޓާގެ ފްލޮރިއާނާ ގައި ބޭއްވުނު ކާޓާގެ 12 ވަނަ ޖެނެރަލް މީޓިން ގައެވެ. ކާޓާގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ ކަމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން އެވެ.

 

1978 ވަނަ އަހަރު އުފެދުނު ކާޓާ އަކީ މެންބަރު ޤައުމުތަކުގެ ޓެކްސް އިދާރާތައް ޒަމާނީކޮށް ތަރައްޤީކުރުމުގައި މުހިއްމު ދައުރެއް އަދާކުރަމުންދާ ޖަމްއިއްޔާއެކެވެ. މި މަޤްޞަދު ޙާސިލްކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަނީ މެންބަރު ޤައުމުތަކުގެ މެދުގައި ނެގޭ ވޯޓަކުން އިންތިޚާބުކުރެވިގެން އެކުލަވާލެވޭ މެނޭޖްމަންޓް ކޮމިޓީއެކެވެ. 14 ޤައުމު ހިމެނޭ މި ކޮމިޓީއަކީ 3 އަހަރުދުވަހުގެ މުއްދަތަށް އިންތިޚާބުކުރެވޭ ކޮމިޓީއެކެވެ.

 

ކާޓާއަކީ އެކި ޤައުމުތަކުގެ ޓެކްސް އިދާރާތަކުގެ މެދުގައި އުފައްދާފައިވާ ޖަމްއިއްޔާތަކުގެ ތެރެއިން މިހާރު ދުނިޔޭގައި އޮތް އެންމެ ބޮޑު ޖަމްއިއްޔާއެވެ. ކާޓާގެ މެންބަރުންގެ ގޮތުގައި މި ވަގުތު 49 ޤައުމުގެ ޓެކްސް އިދާރާ ހިމެނެއެވެ. ދިވެހިރާއްޖޭގެ އިތުރުން މި ދައުރުގެ މެނޭޖްމަންޓް ކޮމިޓީއަށް އިންތިޚާބުވި ޤައުމުތަކަކީ އިނގިރޭސިވިލާތް، ކެނެޑާ، އޮސްޓްރޭލިޔާ، މެލޭޝިޔާ، އިންޑިޔާ، މޮރިޝަސް، ބާބަޑޮސް، ކެންޔާ، ސްވާޒީލެންޑް، ނައިޖީރިއާ، މޯލްޓާ، ކެމަރޫން އަދި ޕަޕުއާ ނިއުގިނީއެވެ.

31-10-12