އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް މީރާއިން ކޯޓަށް

އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ އއ. މާގާގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާ މީރާއަށް އެއްކޮށް ދައްކާ ޚަލާޞްކުރުމަށް އެއްލައިދޫ އިންވެސްޓްމަންޓްގެ މައްޗަށް ސިވިލް ކޯޓުން ކުރި ހުކުމާ އެއްގޮތަށް އެއްލައިދޫ އިންވެސްޓްމަންޓުން އަމަލުކޮށްފައި ނުވާތީ، އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މިއަދު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފައެވެ.

 

30 ސެޕްޓެމްބަރ 2012 ގައި ސިވިލް ކޯޓުން އިއްވެވި ހުކުމުގައި އއ.މާގާގެ ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ އާއި ލީސް ރެންޓު ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާ 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް އަމުރު ކުރައްވާފައިވެއެވެ. މިގޮތުން 21 އޮކްޓޯބަރ 2012 ގެ ނިޔަލަށް އެއްލައިދޫ އިންވެސްމަންޓުން ދައުލަތަށް ދައްކަންޖެހޭ ފައިސާގެ އަދަދަކީ 145,291.31 (އެއްލައްކަ ސާޅީސް ފަސްހާސް ދުއިސައްތަ ނުވަދިހަ އެކެއް ޕޮއިންޓް ތިނެއް އެކެއް) އެމެރިކާ ޑޮލަރެވެ. މިއަދަދަކީ ފައިސާ ދައްކައި ޚަލާސްކުރަންދެން އިތުރުވަމުން ދާނެ އަދަދެކެވެ.

 

މީގެ އިތުރުން އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ އއ.އެއްލައިދޫ އާއި ގުޅިގެން އެފަރާތުން ދައްކަންޖެހޭ ފައިސާ ހޯދުމަށް މީރާއިން ދައުވާކޮށްފައިވާ މައްސަލާގައި ސިވިލް ކޯޓުން އިއްވަވާފައިވާ ހުކުމާއި އެއްގޮތަށް އެއްލައިދޫ އިންވެސްޓްމަންޓުން ވަނީ 19,274.16 (ނަވާރަހާސް ދުއިސައްތަ ހަތްދިހަ ހަތަރެއް ޕޮއިންޓް އެކެއް ހަޔެއް) އެމެރިކާ ޑޮލަރު 16 އޮކްޓޯބަރ 2012 ގައި މިއޮތޯރިޓީއަށް ދައްކައި ޚަލާސްކޮށްފައެވެ. އެހެންކަމުން މިހުކުމް ތަންފީޒުކުރުމަށް 4 ޖޫން 2012 ގައި މިއޮތޯރިޓީއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ އަނބުރައި ގެނައުމުގެ މަސައްކަތް ވަނީ ފަށާފައެވެ.

24-10-12