މީރާ އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިވާ ފަރާތްތަކާމެދު ދައުލަތުގެ އިދާރާތަކުން ފިޔަވަޅު އަޅަނީ

މިއޮތޯރިޓީއަށް ބަލައިގަންނަމުންދާ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައިވާ ފަރާތްތަކާމެދު ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ފިޔަވަޅު އެޅުމުގައި ޢަމަލުކުރާނެ އުސޫލެއް އެކުލަވާލުމަށްފަހު، 1 ނޮވެމްބަރ 2012 އިން ފެށިގެން މިއުސޫލަށް އަމަލުކުރަން ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

 

            މި އުސޫލުގެ ދަށުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އޮންނަ މުއްދަތު ހަމަވުމަށްފަހު 50 (ފަންސާސް) ދުވަސް ފާއިތުވާއިރު ފައިސާ ދައްކާފައިނުވާ ފަރާތްތަކާމެދު މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ޑިޕާރޓްމަންޓް އޮފް އިމިގްރޭޝަން އެންޑް އެމިގްރޭޝަންގެ އިތުރުން، މީރާއަށް ބަލައިގަންނަ ފައިސާއާ ގުޅުންހުރި މިނިސްޓްރީތަކާއި، ދައުލަތުގެ އެހެނިހެން އިދާރާތަކުން ފިޔަވަޅު އަޅާނެއެވެ. މީގެތެރޭގައި ފައިސާ ނުދައްކައިވާ ފަރާތްތަކަށް އެ އިދާރާތަކުން ޚިދުމަތް ދިނުން ވަގުތީ ގޮތުން ހުއްޓާލުމާއި، އެފަދަ ފަރާތްތަކާއެކު އެއްވެސް މުއާމަލާތެއް ނުހިންގުމާއި އަދި އެފަރާތްތަކަށް ބީލަމުގެ އުސޫލުން އެއްވެސް ކޮންޓްރެކްޓެއް ޙަވާލުނުކުރުން ހިމެނެއެވެ. ނަމަވެސް، މިފަދަ ފިޔަވަޅެއް އަޅާފައިވާ ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާ ދައްކައި ޚަލާސްކޮށްފިނަމަ އެފަރާތަކާމެދު އެޅިފައިވާ ފިޔަވަޅު ވަގުތުން ނިމުމަކަށް ގެނެވޭނެއެވެ.

 

            މިއުސޫލު މިއޮތޯރިޓީގެ ވެބްސައިޓުގައި މިހާރު އާންމުކުރެވިފައިވާނެއެވެ.

 

      ދައުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިވާ ފަރާތްތަކާމެދު މީރާއިން މިހާރުވެސް ދަނީ ތަފާތު ފިޔަވަޅުތައް އަޅަމުންނެވެ. މީގެ ތެރޭގައި ކަނޑައެޅިފައިވާ އުޞޫލުގެ މަތިން ނަން ޢާންމުކުރުމާއި، މައްސަލަ ޝަރީޢަތަށް ހުށަހެޅުމާއި، ބޭންކު އެކައުންޓުތަކުގައިވާ ފައިސާ ހިފެހެއްޓުން ހިމެނެއެވެ.

24-10-12