އާމްދަނީގެ ގޮތުގައި ސެޕްޓެމްބަރ މަހު 616.3 މިލިޔަން ރުފިޔާ މީރާއަށް ބަލައިގެންފި

އާމްދަނީގެ ގޮތުގައި ސެޕްޓެމްބަރު މަހު 616.3 މިލިޔަން ރުފިޔާ މީރާއަށް ބަލައިގެން، ޖެނުއަރީ 2012 އިން ފެށިގެން ސެޕްޓެމްބަރު 2012 ގެ ނިޔަލަށް 5.7 ބިލިޔަން ރުފިޔާ މީރާއަށް ބަލައިގެންފިއެވެ.

 

ސެޕްޓެމްބަރު މަހު ބަލައިގަނެވުނު 616.3 މިލިޔަން ރުފިޔާއަކީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބަލައިގަނެވުނު އާމްދަނީއަށް ވުރެ 16% އިތުރު ޢަދަދެކެވެ. ނަމަވެސް މިއީ މިމަހު ލިބޭނެކަމަށް އަންދާޒާކުރެވުނު އާމްދަނީއަށްވުރެ2%  ދަށް ޢަދަދެކެވެ. އަންދާޒާކުރި ޢަދަދަށްވުރެ މަދުން އާމްދަނީ ލިބުމުގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ލިބޭނެކަމަށް އަންދާޒާކުރިވަރަށް ފައިސާ ނުލިބުމުގެ ސަބަބުންނެވެ. ޓޫރިޒަމް ލޭންޑް ރެންޓުގެ ގޮތުގައި ސެޕްޓެމްބަރު މަހުގެ ނިޔަލަށް ނުލިބިހުރި ފައިސާގެ ތެރެއިން 19.2 މިލިޔަން ރުފިޔާ އޮކްޓޯބަރު މަހުގެ މިހާތަނަށް ލިބިފައިވެއެވެ.

 

ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 1.3 ބިލިޔަން ރުފިޔާ ލިބިފައިވާއިރު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި ޖުމްލަ  1.9ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ޖުމްލަ 770.5 މިލިޔަން ރުފިޔާ އާއި ޓޫރިޒަމް ޓެކްސް (ބެޑް ޓެކްސް)ގެ ގޮތުގައި 607.5 މިލިޔަން ރުފިޔާ މިއޮތޯރިޓީއިން ބަލައިގެންފައިވެއެވެ.

04-10-12