އއ. މާގާގެ ކުއްޔާއި ޖޫރިމަނާގެ ފައިސާ މީރާއަށް ދެއްކުމަށް އެއްލައިދޫ އިންވެސްޓްމަންޓްގެ މައްޗަށް ހުކުމްކޮށްފި

އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ކުއްޔަށް ހިފާފައިވާ އއ. މާގާގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއާއި، ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާ ފައިސާ 14 ދުވަހުގެ ތެރޭގައި މީރާއަށް އެއްކޮށް ދައްކާ ޚަލާޞްކުރުމަށް އެއްލައިދޫ އިންވެސްޓްމަންޓްގެ މައްޗަށް މިއަދު ސިވިލް ކޯޓުންހުކުމް ކޮށްފިއެވެ.

 

ޤާޟީ  މިއަދު އިއްވެވި ޙުކުމްގައި ވާގޮތުން ކުލީގެ ގޮތުގައި 27,608.80 އެމެރިކާ ޑޮލަރާއި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި 71,989.95 އެމެރިކާ ޑޮލަރު މިއަދުން ފެށިގެން 14 ދުވަހުގެ ތެރޭގައި އެއްލައިދޫ އިންވެސްޓްމަންޓުން މީރާއަށް ދައްކައި ޚަލާޞްކުރަންޖެހެއެވެ. މި ޖޫރިމަނާއަކީ ފައިސާ ދައްކާ ޚަލާޞްކުރުމާ ހަމައަށް އަރަމުންދާ ޖޫރިމަނާއެކެވެ.

 

އެއްލައިދޫ އިންވެސްޓްމަންޓުން ކުއްޔަށް ހިފާފައިވާ އެހެން ރަށެއް ކަމަށްވާ އެއްލައިދޫ ރިޒޯޓުގެ ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި އެއްލައިދޫ އިންވެސްޓްމަންޓުން މީރާއަށް ދައްކަންޖެހޭ 19,274.16 އެމެރިކާ ޑޮލަރު 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް 8 އޭޕްރީލް 2012 ގައި ސިވިލް ކޯޓުން ކުރައްވާފައިވާ ހުކުމާ އެއްގޮތަށް އެ ކުންފުނިން މީރާއަށް ފައިސާ ދައްކާފައި ނުވާތީ، އެ ކުންފުނީގެ ބޭންކް އެކައުންޓުތައް ފްރީޒްކުރުމަށްވެސް ސިވިލް ކޯޓުން މިދިޔަ ހަފްތާގައި ވަނީ ނިންމަވާފައެވެ. އަދި މި ފިޔަވަޅުގެ ނަތީޖާއަށް ބަލައި، ދެން އޮންނަ އަޑުއެހުމެއްގައި އެ ކުންފުންޏާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމާމެދު ގޮތެއް ނިންމަވާނެކަމަށްވެސް އެ މައްސަލަ ބެއްލެވި ޤާޟީ ވިދާޅުވިއެވެ.

 

މީގެ އިތުރުން މޯލްޑިވްސް ނެޝަނަލް ޝިޕިންގ ލިމިޓެޑް އާއި މއ. ރީޑް އަޙްމަދު ނަސީރު ޢަލީ އާއި ދެމެދު ވެވިފައިވާ އެއްބަސްވުމެއްގެ ދަށުން ކުއްޔަށް ދޫކޮށްފައިވާ ނިއު ޕްލާޒާ އެޕާޓްމަންޓް 101 އާއި ގުޅިގެން އެފަރާތުން ދިވެހި ދައުލަތަށް ދައްކަންޖެހޭ ކުއްޔާއި ޖޫރިމަނާގެ ފައިސާ ހޯދުމަށް މީރާއިން ސިވިލް ކޯޓުގައި އުފުލާފައިވާ ދައުވާއަކީ މީރާއަށް އުފުލޭނެ ދައުވާއެއް ނޫންކަމަށްބުނެ އަޙުމަދު ނަސީރު އަލީ ނަގާފައިވާ އިޖުރާއީ މައްސަލައިގައި ސިވިލް ކޯޓުން މިއަދު ނިންމާފައިވަނީ އެ ދައުވާއަކީ މީރާއަށް ނުކުރެވޭނެ ދައުވާއެއްކަމަށް ބަލަންޖެހޭނެ ސަބަބެއް ނެތްކަމަށްވާތީ އެ ދައުވާ މީރާއިން ހުށަހަޅާފައިވާ ގޮތަށް ކުރިއަށް ގެންދިއުމަށެވެ. މި މައްސަލައިގައި މީރާއިން ދައުވާކުރަނީ ނިއު ޕްލާޒާ އެޕާޓްމަންޓް 101 ގެ ކުއްޔާއި ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ޖުމްލަ 546,000 ރުފިޔާ ހޯދުމަށެވެ.

30-09-12