އެއްލައިދޫ އިންވެސްޓްމަންޓްގެ މައްޗަށް ކޮށްފައިވާ ހުކުމް ތަންފީޒުކުރުމަށް މީރާއިން ކޯޓަށް

އެއްލައިދޫ ރިޒޯޓުގެ ލީސް ރެންޓުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ކަނޑައެޅިފައިވާ ތާރީޚަށް ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ދައްކަންޖެހޭ 19,274.16 އެމެރިކާ ޑޮލަރު 14 ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާޞްކުރުމަށް 8 އޭޕްރީލް 2012 ގައި ސިވިލް ކޯޓުން ކުރައްވާފައިވާ ހުކުމާ އެއްގޮތަށް އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން މީރާއަށް ފައިސާ ދައްކާފައި ނުވާތީ، އެ ހުކުމް ތަންފީޒުކުރުމުގެ މައްސަލަ މީރާއިން ސިވިލް ކޯޓަށް ހުށަހަޅައި، އެ މައްސަލައިގެ އަޑުއެހުން އިއްޔެ (26 ސެޕްޓެމްބަރ 2012 ) ބާއްވައިފިއެވެ.

 

މި އަޑުއެހުމުގައި ދެ ފަރާތުގެ ބަޔާން އަޑުއެއްސެވުމަށްފަހު، އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ ބޭންކް އެކައުންޓްތައް ފްރީޒްކޮށް، އެކުންފުނީގެ ބޭންކް އެކައުންޓުތަކުން ކޯޓު މެދުވެރިކޮށް އެ ފައިސާ ނަގައި މީރާއަށް ދެއްކުމަށް ޤާޟީ ވަނީ ނިންމަވާފައެވެ. އަދި މި ފިޔަވަޅުގެ ނަތީޖާއަށް ބަލައި، ދެން އޮންނަ އަޑުއެހުމެއްގައި އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމާމެދު ކޯޓުން ގޮތެއް ނިންމަވާނެއެވެ. މި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނީ 15 އޮކްޓޯބަރ 2012 ގައެވެ.

 

އެއްލައިދޫ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ދެކޮޅަށް މީރާއިން ހުށަހަޅާފައިވާ އިތުރު މައްސަލައެއްވެސް ސިވިލް ކޯޓުގައި ދަނީ ހިނގަމުންނެވެ. މި މައްސަލައިގައި މީރާއިން ދައުވާ ކޮށްފައިވަނީ އެ ކުންފުނިން ކުއްޔަށް ހިފާފައިވާ އއ. މާގާ ގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ 27,608.80 އެމެރިކާ ޑޮލަރާއި، ކަނޑައެޅިފައިވާ ތާރީޚަށް ކުލި ނުދެއްކުމުގެ ސަބަބުން ކުރެވިފައިވާ ޖޫރިމަނާގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ހޯދުމަށެވެ. 2 މެއި 2012 ގައި ސިވިލް ކޯޓަށް މި މައްސަލަ ހުށަހެޅިއިރު ޖޫރިމަނާގެ ގޮތުގައި އަރާފައިވާ އަދަދަކީ 71,989.95 އެމެރިކާ ޑޮލަރެވެ.

 

27-09-12