އުވާލުމުގެ މަރުޙަލާގައިވާ ކުންފުނިތަކާއި ޕާޓްނަރޝިޕްތައް ބީ.ޕީ.ޓީ ބަޔާން ހުށަހެޅުމުން އިސްތިސްނާކުރުމަށް ހަމަޖައްސައިފި

18 ޖުލައި 2011ގެ ފަހުން އެއްވެސް ވިޔަފާރިއެއް ނުކުރާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކުގެ ތެރެއިން އުވާލުމުގެ މަސައްކަތް ފެށުމަށްފަހު 15 އޮކްޓޯބަރ 2012ގެ ނިޔަލަށް ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް އެކަން އަންގާ ކުންފުނިތަކާއި ޕާޓްނަރޝިޕްތައް ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސް (ބީ.ޕީ.ޓީ) ބަޔާން ހުށަހެޅުމުން އިސްތިސްނާކުރުމަށް ވަނީ ހަމަޖައްސާފައެވެ.

 

މިގޮތަށް ނިންމާފައިމިވަނީ ބީ.ޕީ.ޓީގެ ޤާނޫނުގެ ދަށުން ކުންފުނިތަކަށާއި ޕާޓްނަރޝިޕްތަކަށް ދެވިފައިވާ ޒިންމާތައް ބޮޑުވެފައި، ޤާނޫނުގެ ދަށުން މިއޮތޯރިޓީއަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތައް އޮޑިޓްކުރެވިފައި ހުންނަންޖެހޭއިރު އެއްވެސް ވިޔަފާރިއެއް ނުކުރާ ކުދި ކުންފުނިތަކުންވެސް ބޮޑު ޚަރަދުތަކެއް ކުރަންޖެހިފައިވާތީއާއި، އަދި އެއްވެސް ސަބަބަކާއި ހުރެ ސުންގަޑިއަށް މި ލިޔެކިޔުންތައް ހުށަނޭޅިއްޖެނަމަ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާތައް ބޮޑުކަމަށްވާތީ، ވިޔަފާރިނުކުރާ ކުންފުނިތަކާއި ޕާޓްނަރޝިޕްތަކަށް މިކަމުގައި ލުޔެއް ދިނުމަށެވެ.

 

މިފަދައިން ލުއި ދެވޭނީ އުވާލުމުގެ މަސައްކަތް ފަށާފައިވާކަން ރަޖިސްޓްރާ އޮފް ކޮމްޕެނީޒްއަށް އެންގިކަން، 15 އޮކްޓޯބްރ 2012 ގެ ކުރިން މީރާއަށް ލިޔުމުން އެންގުމުންނެވެ.

16-09-12