2012ވަނަ އަހަރުގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމް ހަމަޖައްސައިފި

ޓެކްސް އަހަރު 2011ގެ ބީ.ޕީ.ޓީ ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް 30 ސެޕްޓެމްބަރ 2012ގެ ނިޔަލަށް ދައްކާ ފަރާތްތަކަށް، ޓެކްސް އަހަރު 2012ގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް އިންސްޓޯލްމަންޓް އުސޫލުން ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސާފައެވެ. މިފަދައިން ހަމަޖައްސައިދެވޭނީ މިކަމަށް އެދި 30 ސެޕްޓެމްބަރ 2012ގެ ކުރިން ހުށަހަޅާ ފަރާތްތަކަށެވެ.

 

އިންސްޓޯލްމަންޓް އުސޫލުން ފައިސާ ދައްކަން އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން އެކަމަށް ޝަރުތު ހަމަވާ ފަރާތްތަކަށް ޓެކްސް އަހަރު 2012ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް 3 އިންސްޓޯލްމަންޓަށް އެއްވަރަށް ބަހާލައިގެން ދެއްކުމަށް ހުއްދަ ދެވޭނެއެވެ. މިގޮތަށް ހަމަޖައްސައިދެވޭނީ މިކަމާގުޅޭގޮތުން މީރާއާއިއެކު އެއްބަސްވުމެއްގައި ސޮއިކުރެވޭ ފަރާތްތަކަށެވެ. މިއެއްބަސްވުމުގެ ދަށުން 3 ވަނަ އިންސްޓޯލްމަންޓާއިއެކު ޓެކްސް ދައްކަންޖެހޭ ސުންގަޑިއަށް ނުދައްކައިވާ ޓެކްސް ދައްކާ ނިމެންދެން އަހަރަކު %5ގެ ރޭޓުން އިންޓްރަސްޓް ދައްކަންޖެހޭނެއެވެ.

 

 މިއެއްބަސްވުމުގެ އެއްވެސް މާއްދާއަކާއި ޚިލާފުވެއްޖެނަމަ، އެއްބަސްވުން ބާތިލްވެ، ޓެކްސް އަހަރު 2012 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓްގެ ގޮތުގައި އެފަރާތުން ދައްކަންޖެހޭ ފައިސާ ވަގުތުން ދައްކަންޖެހޭނެއެވެ. އަދި ޤާނޫނުގައި ބަޔާންކުރެވިފައިވާ އެހެނިހެން ޖޫރިމަނާތައް 31 އޮގަސްޓް 2012އިން ފެށިގެން އަރަމުންދާނެއެވެ.

 

މިގޮތަށް ނިންމާފައިމިވަނީ ބީ.ޕީ.ޓީގެ ޤާނޫނުގެ ދަށުން ޓެކްސް ނުދައްކާފަރާތްތަކަށް ކަނޑައެޅިފައިވާ ޖޫރިމަނާގެ ބޮޑުކަމުންނާއި، ޓެކްސް އަހަރު 2011ގެ ފައިނަލް ޕޭމަންޓާއި ޓެކްސް އަހަރު 2012ގެ ފުރަތަމަ އިންޓެރިމް ޕޭމަންޓް އެއްފަހަރާ ދެއްކުމަށް ދަތިވާތީ، ފައިސާ ދެއްކޭނެ ލުއި އިންތިޒާމެއް ހަމަޖައްސައި ދިނުމަށްޓަކައެވެ.

16-09-12