އޮގަސްޓް މަހު 975.9 މިލިޔަން ރުފިޔާ އާމްދަނީގެ ގޮތުގައި މި އޮތޯރިޓީއަށް ބަލައިގެންފި

އާމްދަނީގެގޮތުގައި އޮގަސްޓް މަހު ޖުމްލަ 975.9 މިލިޔަން ރުފިޔާ މި އޮތޯރިޓީއަށް ބަލައިގެންފިއެވެ. ޖެނުއަރީ 2012 އިން ފެށިގެން އޮގަސްޓް 2012 ގެ ނިޔަލަށް ގާތްގަނޑަކަށް 5.1 ބިލިޔަން ރުފިޔާ މި އޮތޯރިޓީއަށް ބަލައިގެނެފައިވެއެވެ.

އޮގަސްޓް މަހު ބަލައިގަނެވުނު ޖުމްލަ 975.9 މިލިޔަން ރުފިޔާއަކީ އެމަހު ލިބޭނެކަމަށް އަންދާޒާކުރެވިފައިވާ ޢަދަދަށް ވުރެ %31.7 އިތުރު ޢަދަދެކެވެ. މިގޮތުން ވިޔަފާރީގެ ފައިދާއިން ނެގޭ ޓެކްސްގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކުރެވިފައިވާ ޢަދަދަށްވުރެ %74.7 އިތުރަށް ލިބިފައިވެއެވެ. ހަމައެކަނި ބީ.ޕީ.ޓީގެ ގޮތުގައިވެސް ޖުމްލަ 666.1 މިލިޔަން ރުފިޔާ ލިބިފައިވާއިރު މުދަލާއި ޚިދުމަތުގެ އަގުން ނެގޭ ޓެކްސްގެ ގޮތުގައި ޖުމްލަ 180.3 މިލިޔަން ރުފިޔާ ލިބިފައި ވެއެވެ. އަދި މިއީ އޮގަސްޓް މަހު ދެވަނައަށް އެންމެ ގިނައިން އާމްދަނީ ލިބިފައިވާ ރެވެނިއު ކޯޑެވެ.

 

މިއަހަރުގެ ފުރަތަމަ 8 މަހު އެންމެ ގިނަ ފައިސާ ބަލައިގަނެވިފައިވަނީ ޖީ.އެސް.ޓީގެ ގޮތުގައެވެ. މިގޮތުން ޖީ.އެސް.ޓީގެ ގޮތުގައި ޖުމްލަ 1.7 ބިލިޔަން ރުފިޔާ ލިބިފައިވެއެވެ. އަދި ދެވަނައަށް އެންމެ ގިނައިން ބަލައިގަނެވިފައިވަނީ ބީ.ޕީ.ޓީ އެވެ. ބީ.ޕީ.ޓީގެ ގޮތުގައި ޖުމްލަ 1.3 ބިލިޔަން ރުފިޔާ މީރާއަށް ބަލައިގެންފައިވެއެވެ. މީގެ އިތުރުން ޓޫރިޒަމް ލޭންޑް ރެންޓްގެ ގޮތުގައި ޖުމްލަ 546.1 މިލިޔަން ރުފިޔާ އަދި ޓޫރިޒަމް ޓެކްސްގެ ގޮތުގައި ޖުމަލް 537.8 ރުފިޔާ މިއޮތޯރިޓީއަށް ލިބިފައިވެއެވެ. އަދި މިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ލިބޭނެކަމަށް އަންދާޒާކުރެވިފައިވާ ޢަދަދަށް ވުރެ %0.5 މަދުން ލިބިފައިވަނީ ލީސްގެ މުއްދަތު އިތުރުކޮށްދީގެން ފީގެގޮތުގައި ލިބޭނެކަމަށް އަންދަޒާކުރެވިފައިވާ 705.0 މިލިޔަން ރުފިޔާ ނުލިބުމުގެ ސަބަބުންނެވެ.

06-09-12