މިދިޔަ ހަފްތާގެ ތެރޭގައި 783.9 މިލިޔަން ރުފިޔާ އަށްވުރެ ގިނަ ފައިސާ މީރާއަށް ބަލައިގެންފި

މިދިޔަ ހަފްތާގެ ތެރޭގައި ރެކޯޑު ޢަދަދެއްގެ ފައިސާ މީރާއަށް ވަނީ ބަލައިގަނެވިފައެވެ. މިގޮތުން ޖުމްލަ 783.9 މިލިޔަނަށް ވުރެ ގިނަ ރުފިޔާ މީރާއަށް ވަނީ ބަލައިގަނެވިފައެވެ. ބަލައިގަނެވުނު މިފައިސާގެ ތެރޭގައި 16 މިލިޔަނަށްވުރެ ގިނަ އެމެރިކާ ޑޮލަރާއި 538 މިލިޔަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހިމެނެއެވެ. މިއީ ސީދާ މީރާއަށް ބަލައިގަނެވުނު ފައިސާގެ ޢަދަދެވެ. އަތޮޅު ކައުންސިލްތަކުން ފައިސާ ބަލައިގަންނަވަމުން ދާއިރު އެތަންތަނުން ބަލައިގަނެވިފައިވާ ފައިސާގެ ޖުމްލަ އަދި ލިބިފައިނުވެއެވެ.

 

މިދިޔަ ހަފްތާގެ ތެރޭގައި ބަލައިގަނެވުނު މިފައިސާގެ ތެރޭގައި ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ޓެކްސް އަހަރު 2011ގެ ފައިނަލް ޓެކްސް ޕޭމަންޓް، ޓެކްސް އަހަރު 2012 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓް،  ޖުލައި މަހުގެ ޖީ.އެސް.ޓީގެ ފައިސާއާއި މީގެ އިތުރުން މީރާއިން ބަލައިގަންނަ އެހެނިހެން ޓެކްސް، ފީ، ކުލި، ރޯޔަލްޓީ ހިމެނެއެވެ.

 

30 އޮގަސްޓް 2012 ވީ ބުރާސްފަތި ދުވަހަކީ ބީ.ޕީ.ޓީގެ ސުންގަޑިއަކަށްވެފައި، ފައިސާދައްކާ ބަޔާން ހުށަހެޅުމަށް ހާޟިރުވި ފަރާތްތަކުގެ ޢަދަދު ގިނަ ކަމުން ހެނދުނު 08:00ން ފެށިގެން މެންދަމު 1:00 އާއި ހަމައަށް ޚިދުމަތް ދެވުނެވެ. ބުރާސްފަތި ދުވަހު އާންމު ކައުންޓަރުތަކުގެ އިތުރުން ވަގުތީ ގޮތުން ކައުންޓަރުތަކެއް ތައްޔާރުކުރެވި ޖުމްލަ ގާތްގަނޑަކަށް 2000 ޕޭމަންޓް ބަލައިގަނެވިފައިވެއެވެ.

 

ބީ.ޕީ.ޓީ ދެއްކުމަށް ގިނަ ޢަދަދެއްގެ ފަރާތްތަކުން އަދިވެސް ޙާޟިރުވަމުން ދާތީ އަދި ބީ.ޕީ.ޓީގެ ޤާނޫނުގެ ދަށުން ކަނޑައެޅިފައިވާ ޖޫރިމަނާގެ ޢަދަދު ބޮޑުކަމުން ޖޫރިމަނާއާއި ނުލައި މިސެޕްޓެމްބަރ މަހުގެ 15 އާއިހަމައަށް ޓެކްސް އަހަރު 2011 ގެ ބީ.ޕީ.ޓީ ބަޔާނާއި ފައިނަލް ޕޭމަންޓް އަދި ޓެކްސް އަހަރު 2012 ގެ ފުރަތަމަ އިންޓަރިމް ޕޭމަންޓާއި އިންޓަރިމް ޕޭމަންޓް ސްޓޭޓްމަންޓް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލެވިފައެވެ.

 

ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ސުންގަޑިއަށް ޓެކްސް ނުދަކާ ފަރާތްތައް 250,000 ރުފިޔާ ނުވަތަ ދައްކަންޖެހޭ ޓެކްސްގެ ޢަދަދުގެ ދެގުނައާއި އެއްވަރުގެ ޢަދަދަކުންކުރެ ބޮޑު ޢަދަދަކުން ޖޫރިމަނާ ވާނެއެވެ.

02-09-12