ޓެކްސް ދައްކަންޖެހޭ ފަރާތްތަކުގެ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި ޢަމަލުކުރާނެ އުސޫލް މީރާއިން ހާމަކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ބަލައިގަންނަމުން ގެންދާ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާއެއް ދައްކަންޖެހި ނުދައްކައިވާ ފަރާތްތަކުގެ ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓުމާއި، މީރާއިން ކުރާ އޮޑިޓެއް ނުވަތަ ތަޙުޤީޤެއްގެ ބޭނުމަށް ޓެކްސް ދައްކާ ފަރާތެއްގެ ބޭންކު އެކައުންޓާބެހޭ މަޢުލޫމާތާއި ބޭންކު މެދުވެރިކޮށް ކުރާ މުޢާމަލާތު ތަކުގެ ތަފްޞީލު ހޯދުމުގައި ޢަމަލުކުރާނެ އުސޫލު 28 އޮގަސްޓް 2012 ގައި އާންމުކޮށްފިއެވެ. މި އުސޫލުގެ ދަށުން ބޭންކު އެކައުންޓުގައިވާ ފައިސާ ހިފެހެއްޓޭނީ އެ ފައިސާ ދައްކަންޖެހުނު ތާރީޚުން ފެށިގެން 50 (ފަންސާސް) ދުވަސް ފައިތުވެފައިވާ އަދި ދައްކަންޖެހިފައިވާ ފައިސާއާ ގުޅިގެން މީރާއިން އެ ފަރާތަކަށް ދޭންޖެހޭ ނޯޓިސްތައް ފޮނުވާފައިވާ ފަރާތްތަކުގެއެވެ. ނަމަވެސް ދައްކަން ޖެހިފައިވާ ފައިސާ ގަސްތުގައި ނުދެއްކުމުގެ ގޮތުން ނުވަތަ ދެއްކުން ފަސްކުރުމުގެ ގޮތުން އެއްވެސް ކަމެއް ކުރާކަމަށް ނުވަތަ ފައިސާ ދައްކަން ޖެހޭ ފަރާތުގެ ޢަމަލުތައް ހުރިގޮތުން ލިބެންޖެހޭ ފައިސާ ހޯދުމުގައި އެކަށިގެންވާ މިންވަރަކަށް ދަތިތަކެއް ނުވަތަ ލަސްތަކެއް މެދުވެރިވެދާނެ ކަމަށް މީރާއަށް ގަބޫލު ކުރެވޭ ހާލަތްތަކުގައި 50 ދުވަހުގެ ނޯޓިސް ދިނުމަކާ ނުލައި އެކައުންޓްގައިވާ ފައިސާ ހިފެހެއްޓޭނެއެވެ.

      މި އުސޫލުގެ ދަށުން އެއް އެކައުންޓަށްވުރެ ގިނަ އެކައުންޓުގައިވާ ފައިސާ ހިފެހެއްޓިއްޖެނަމަ ފައިސާ ނަގާނެ އެކައުންޓެއް ނިންމާނީ ޓެކްސް ދައްކާ ފަރާތުގެ މަޝްވަރާއާ އެކުކަމަށްވިއަސް ފައިސާ ނަގާނެ އެކައުންޓެއް ނުވަތަ އެކައުންޓް ތަކެއް ކަނޑައެޅުމުގައި ޓެކްސް ދައްކާ ފަރާތުގެ އެއްބާރުލުން ނުލިބިއްޖެނަމަ، ފައިސާ ނަގާނެ އެކައުންޓެއް ކަނޑައެޅުމުގެ އިޚްތިޔާރު މީރާއަށް ލިބިގެންވެއެވެ.

29-08-12