ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކައުންޓުގައި ފައިސާނެތި ޗެކު ދޫކޮށްފައިވާ ފަރާތްތަކުގެ މައްސަލަ ކޯޓަށް ހުށަހަޅަނީ

މީރާއިން ބަލައިގަންނަމުން އަންނަ އެކި ޓެކްސް، ފީ، ކުލި، ރޯޔަލްޓީ އަދި މިނޫންވެސް ފައިސާ ދެއްކުމަށް ޗެކު ހުށަހަޅާ ފަރާތްތަކުން، އެކައުންޓުގައި ފައިސާ ނެތި ޗެކު ހުށަހަޅާ ފަރާތްތަކާއި ޗެކުގައިވާ ޢަދަދަށް ފައިސާ ލިބޭނެގޮތް ހަމަޖައްސައިދީފައި ނުވާ ފަރާތްތަކާމެދު ޢަމަލުކުރުމަށް 25 ޖޫން 2012ގައި މީރާއިން އާންމުކޮށްފައިވާ އުސޫލުގެ ދަށުން، އެ ފަރާތްތަކާމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން އެފަރާތްތަކުން އެ ފައިސާ ދެއްކުމަށްޓަކައި ދެވިފައިވާ 20 ދުވަހުގެ މުއްދަތު ހަމަވިއިރުވެސް ފައިސާ ދައްކާފައިނުވާ ފަރާތްތަކާމެދު މަދަނީ އަދި ޖިނާއީ ފިޔަވަޅު އެޅުމަށް ނިންމައިފިއެވެ.

 

މިގޮތުން، އެކައުންޓުގައި ފައިސާނެތި ޗެކު ދޫކޮށްފައިވާ ފަރާތްތަކާމެދު ޖިނާއީ ދަޢުވާ ކުރުމަށް ފައިސާއަށް ބަދަލުކުރެވޭ ގޮތުގައި ގެންގުޅޭ ލިޔުމާބެހޭ ޤާނޫނު (ޤާނޫނު ނަންބަރު 95/16) ގެ 39 ވަނަ މާއްދާގެ (ހ) ގެ ދަށުން މޯލްޑިވްސް ޕޮލިސް ސަރވިސް މެދުވެރިކޮށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިމައްސަލަތައް ފޮނުވުމަށް ވަނީ ހުށަހަޅާފައެވެ. އަދި މީގެ އިތުރުން، މިފަރާތްތަކާމެދު މަދަނީ ފިޔަވަޅު އެޅުމަށްޓަކައި މަދަނީކޯޓަށްވެސް މައްސަލަ ހުށަހެޅުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

 

ދައުލަތަށް ދައްކަންޖެހޭ ފައިސާ ދެއްކުމަށް އެކައުންޓުގައި ފައިސާނެތި ޗެކުދޫކުރާ ފަރާތްތަކާމެދު ޢަމަލުކުރުމަށް ކަނޑައެޅިފައިވާ އުސޫލު 25 ޖޫން 2012ގައި އާންމުކުރެވުނު އިރު އަނބުރައިލިބިފައިވާ ޗެކުތަކާ ގުޅިގެން 3.8 މިލިއަން ރުފިޔާ ނުލިބިވެއެވެ.ނަމަވެސް މި ޕޮލިސީގެ ދަށުން މަސައްކަތްކުރަންފެށި ފަހުން މިހާތަނަށް 1،011،271.97 (އެއް މިލިއަން އެގާރަހާސް ދުއިސައްތަ ހަތްދިހަ އެއް ރުފިޔާ ނުވަދިހަ ހަތް ލާރި) ވަނީ ލިބިފައެވެ. 

13-08-12