މީރާއާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ)އެއްގައި 4 އޮގަސްޓް 2012 ގައި ސޮއިކުރައްވައިފިއެވެ. މިއީ މީރާއާއި ދިވެހި ސަރުކާރުގެ އެހެން މުއައްސަސާއަކާއެކު ވެވުނު މިފަދަ ތިންވަނަ އެމް.އޯ.ޔޫއެވެ. މިއެމް.އޯ.ޔޫއަކީ މިދެ މުއައްސަސާގެ ދެމެދުގައި ޓެކުހާ ގުޅޭ ކުށްތައް ތަހުޤީޤު ކުރުމުގައާއި، އެފަދަ ކަންކަމާ ބެހޭ މަޢުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

 

މިއެމް.އޯ.ޔޫގެ ސަބަބުން ދެ މުއައްސަސާއިން ތަންފީޒުކުރާ ޤާނޫނުތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމުގެ ފުރުޞަތު ހުޅުވިގެންދިއުމުގެ އިތުރުން ދެ މުއައްސަސާގެ ވަސީލަތްތައް ހިއްސާކުރުމަށް މަގުފަހިވެގެންދާނެއެވެ. އަދި ޓެކްސްގެ ދާއިރާއިން ކުރެވޭ ޖިނާއީ ކުށްތައް ތަހުޤީޤުކޮށް، ދަޢުލަތަށް ލިބެންޖެހި ނުލިބިހުރި ފައިސާ ހޯދުމުގައި މޯލްޑިވްސް ޕޮލިސް ސަރވިސްގެ އެއްބާރުލުމާއި އެހީތެރިކަން ލިބުމާއި ހަމަ އެފަދައިން ކޮމަރޝަލް ކްރައިމްސް ތަހުޤީޤުކުރުމުގައި ޓެކުހާ ގުޅުންހުރި ދާއިރާތަކުގައި މީރާގެ މުވައްޒަފުންގެ ޓެކްނިކަލް ނޮލެޖް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ލިބިގެންދާނެއެވެ.

 

އެމް.އޯ.ޔޫގައި ސޮއިކުރެވުނީ 4 އޮގަސްޓް 2012 ވީ ހޮނިހިރު ދުވަހުގެ ރޭ 9:30ގައި މީރާގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތުގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދެވެ. އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަލްފާޟިލް ޢަބްދުﷲ ރިޔާޟެވެ.

05-08-12