ރަމަޟާން މަހު ހަފްތާއަކު 6 ދުވަހު މީރާއިން ޚިދުމަތްދިނުމަށް ނިންމައިފި

ރަމަޟާން މަހުގައި ސަރުކާރުގެ ރަސްމީގަޑިއަކީ ހެދުނު 9:00ން 13:30ކަމުގައި ވީނަމަވެސް މީރާއިން ހެދުނު 9:00ން މެންދުރު 2:30އަށް އާންމުންނަށް ޚިދުމަތްދިނުމަށް ނިންމައިފިއެވެ. މީގެ އިތުރުން ހޮނިހިރު ދުވަހުވެސް ޚިދުމަތްދިނުމަށް ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން އެމަނިކުފާނަށް ލިބިދީފައިވާ ބާރުގެ ދަށުން، ވަނީ ނިންމަވާފައެވެ.

 

އާންމުންނަށް ޚިދުމަތްދޭ ވަގުތު އިތުރުކުރުމަށް ހަމަޖައްސާފައިވަނީ މީރާއިން ޚިދުމަތް ލިބިގަންނަ ފަރާތްތައް ދުވަހުން ދުވަހަށް އިތުރުވަމުން ދާތީއާއި ރަމަޟާން މަހުގައިވެސް ޚިދުމަތް ލިބިގަންނަ ފަރާތްތައް މަދު ނުވާނެތީއާއި އަދި މި އޮތޯރިޓީއިން ޚިދުމަތް ހޯދާ ފަރާތްތަކުގެ ފަސޭހައަށްޓަކައެވެ.

 

ޖީ.އެސް.ޓީ އަދި ބީ.ޕީ.ޓީގެ މުހިންމު ސުންގަޑިތަކެއް ޖުލައި މަހުގެ އެންމެ ފަހު ހަފްތާގެ ތެރޭގައި އަންނާތީ އެ ހަފްތާއަކީ ވަރަށް ބާރު ބޮޑުވާނެ ހަފްތާއެކެވެ. މިގޮތުން މަހުން މަހަށް އަދި 3 މަހުން އެއްފަހަރު ޖީ.އެސް.ޓީ ދައްކާ ފަރާތްތަކުން ޖީ.އެސް.ޓީ ބަޔާން ހުށަހެޅުމާއި ފައިސާ ދެއްކުމާއި އަދި 2011 ވަނަ ޓެކްސް އަހަރުގެ ޓެކްސް ބަޔާން ހުށަހަޅައި ފައިނަލް ޕޭމަންޓް ދެއްކުމުގެ އިތުރުން 2012ވަނަ ޓެކްސް އަހަރުގެ ބީ.ޕީ.ޓީ އިންޓެރިމް ޕޭންމަންޓާއި ސްޓޭޓްމަންޓް ހުށަހަޅަންޖެހެނީވެސް އެ ހަފްތާގެ ތެރޭގައެވެ. އެހެންކަމުން ޓެކްސްދައްކާ ފަރާތްތަކުން މިކަމަށް ސަމާލުވެ ޚިދުމަތް ލިބިގަންނަ ފަރާތުގެ ފަސޭހައަށް ކުރިއާލާ ފައިސާ ދެއްކުމަށާއި ބަޔާން ހުށަހެޅުމަށް ސަމާލުވުމަށްވެސް އިލްތިމާސް ކުރަމެވެ.

22-07-12