އައްޑޫ ސިޓީގައާއި ކުޅުދުއްފުށީގައި މީރާގެ އޮފީހެއް ހުޅުވަނީ

ޓެކްސް ދައްކާ ފަރާތްތަކާއި ވީހާވެސް ގާތުން ޚިދުމަތް ދިނުމަށާއި އަދި ޓެކްސް ދެއްކުމުގައި ވީހާވެސް ލުއިފަސޭހަކޮށް އެކަން ކުރެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި މީރާއިން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން ހދ. ކުޅުދުއްފުށި އަދި އައްޑޫގައި މީރާ ގެ ރީޖަނަލް އޮފީސްތަކެއް މިއަންނަ މަހު ކުރީކޮޅު ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ.

 

މީރާ ގެ ރީޖަނަލް އޮފީސްތަކަށް މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. މިގޮތުން 2 އޮގަސްޓްގައި ހދ. ކުޅުދުއްފުށީގައި ހުންނަ މީރާ ގެ ރީޖަނަލް އޮފީސް ހުޅުވޭ ވަރު ވާނެއެވެ. އައްޑޫ އޮފީސް ހުޅުވުމުގެ މަސައްކަތް ލަސްވެފައިވަނީ މީރާ ގެ އޮފީސް ހުޅުވުމަށް މިނިސްޓްރި އޮފް ފިނޭންސް އިން މިއޮތޯރިޓީއަށް ދެއްވާފައިވާ އަދި ސިޓީ ކައުންސިލްގެ ބެއްލެވުމުގެ ދަށުގައި މިހާރު ހުރި އިމާރާތް އެ ކައުންސިލުން ބޭނުން ކުރައްވަމުން ގެންދަވާތީ އާއި އިމާރާތް ހުސްކުރެއްވުމަށްފަހު މީރާއާއި ޙަވާލުކުރެއްވުމަށް މުއްދަތެއް ވަނީ މިހާރު ދެވިފައެވެ. އަދި އެކަން ހަމަޖެހުމުން ކައިރި މުސްތަޤްބަލެއްގައި އެ އޮފީސްވެސް ހުޅުވިގެންދާނެކަމަށް އުންމީދު ކުރެވެއެވެ.

                             

ޓެކްސް ނެގުމުގެ އިދާރީ ޤާނޫނުގެ ދަށުން މީހާތަނަށް މީރާ ގެ ދަފްތަރުގައި ގާތްގަނޑަކަށް 12،200 ވިޔަފާރި ރަޖިސްޓްރީކުރެވިފައިވާއިރު މީގެ ތެރެއިން 800އަށްވުރެ ގިނަ ވިޔަފާރިއަކީ އައްޑޫ ސަރަޙައްދުގެ ވިޔަފާރިއެވެ. އަދި 900 އަށްވުރެ ގިނަ ވިޔަފާރިއަކީ އުތުރުގެ އަތޮޅުތަކުގެ ވިޔަފާރިއެވެ. މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނު ގެ ދަށުން 3700 އަށްވުރެ ގިނަ ފަރާތް މި އޮތޯރިޓީގައި ރަޖިސްޓްރީކޮށްފައިވާއިރު މީގެ ތެރެއިން 240 އަށްވުރެ ގިނަ ފަރާތަކީ އައްޑޫ ސަރަޙައްދު ގެ ވިޔަފާރިވެރިންނެވެ. އަދި 130 އަށް ވުރެ ގިނަ ވިޔަފާރިވެރިންނަކީ އުތުރު ގެ އަތޮޅުތަކުގެ ވިޔަފާރިވެރިން ނެވެ. ރާއްޖޭ ގެ އެކި ކަންކޮޅުގައި ޓެކްސްދައްކާ ފަރާތްތައް ހަރަކާތްތެރިވަމުންދާއިރު، ޓެކްސް ނެގުމުގެ އިދާރި ޤާނޫނުގެ ދަށުން މީރާ ގެ މައިގަޑު މަޤްޞަދުތަކުގެ ތެރޭގައި ޓެކްސް ދައްކާ ފަރާތްތަކުން ޓެކްސް ދެއްކުމުގައި ކުރަންޖެހޭ ޚަރަދުތައް ވީހާވެސް ކުޑަކުރެވޭތޯ މަސައްކަތް ކުރުމާއި ޓެކްސް ނެގުމާބެހޭ އިދާރީ ޚަރަދު ވީވަރަކުން ކުޑަކުރެވޭނެ ނިޒާމެއް ރޭވުން ހިމެނެއެވެ.

22-07-12