މީރާއާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއިކޮށްފި

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)އާއި މޯލްޑިވްސް ކަސްޓަމްސް ސަރވިސް އާއި ދެމެދު މެމޮރެންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމް.އޯ.ޔޫ) އެއްގައި މިއަދު ސޮއިކޮށްފިއެވެ. މިއީ މީރާއާއި ދިވެހި ސަރުކާރުގެ އެހެން މުއައްސަސާއަކާއެކު ވެވުނު މިފަދަ ދެވަނަ އެމް.އޯ.ޔޫއެވެ. މިއެމް.އޯ.ޔޫއަކީ މި ދެ މުއައްސަސާގެ ދެމެދުގައި މަޢުލޫމާތު ހިއްސާކުރުމާ ބެހޭ ގޮތުން ވެވުނު އެއްބަސްވުމެކެވެ.

 

މިއެމް.އޯ.ޔޫގެ ސަބަބުން މީރާއިން ކުރާ އޮޑިޓް، އެސެސްމަންޓް އަދި ތަޙުޤީޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ކުރުމަށް ބޭނުންވާ މަޢުލޫމާތުގެ ތެރެއިން ކަސްޓަމްސް އިން ލިބެން ހުންނަ މަޢުލޫމާތު، ހަރުދަނާ ނިޒާމެއްގެ ތެރެއިން ލިބިދިނުމަށް މަގުފަހިވެގެންދާނެއެވެ. އަދި ދެ މުއައްސަސާއިން ތަންފީޒުކުރާ ޤާނޫނުތައް މިހާރަށްވުރެ ފުރިހަމަ ގޮތެއްގައި ތަންފީޒުކުރުމުގެ ފުރުޞަތު ހުޅުވިގެންދާނެއެވެ.

 

އެމް.އޯ.ޔޫގައި ސޮއިކުރެވުނީ މިއަދު 10:00 ގައި ކަސްޓަމްސްގައި މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތެއްގައެވެ. އެމް.އޯ.ޔޫގައި މީރާގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން، އަލްފާޟިލް ޔަޒީދު މުޙައްމަދު އަދި މޯލްޑިވްސް ކަސްޓަމްސް ސަރވިސް ގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް އަލްފާޟިލް މުޙައްމަދު އަސްވާނެވެ.

 

ކުރިއަށް އޮތް ދުވަސްތަކުގައި މިފަދަ އިތުރު އެއްބަސްވުންތަކެއް އެހެނިހެން މުއައްސަސާތަކާއިއެކު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

18-07-12