އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުން ދައްކަންޖެހޭ ޓޫރިޒަމް ޓެކްސް ލަހުން ދައްކައިގެން ޖޫރިމަނާގެ ގޮތުގައި އަރާފައިވާ ފައިސާ މީރާއަށް ދެއްކުމަށް ކޯޓުން ހުކުމްކޮށްފި

ދަޢުލަތަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ސިވިލް ކޯޓުގައި ދަޢުވާކޮށްފައިވާ މައްސަލައިގެ ހުކުމް 17 ޖުލައި 2012 ގައި ސިވިލް ކޯޓުން އިއްވަވައިފިއެވެ.

 

މި މައްސަލައިގެ ދަޢުވާ ލިބޭ ފަރާތުގެ ޚިޔާލު ތަފާތުވެފައިވަނީ އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ އެޖެންޓު ކަމުގެ ދަށުން ރާއްޖެއައި ޓޫރިސްޓް އުޅަނދު އެމް.އެސް ކޮސްޓަރ ރޮމޭންޓިކާ އަކީ ރާއްޖެއިން ބޭރުން ރާއްޖެ އައިސްފައިވާ އުޅަނދެއް ކަމުގައިވާތީ، މި އުޅަނދަކީ  ޤާނޫނު ނަންބަރު 99/2 (ދިވެހި ރާއްޖޭގެ ޓޫރިޒަމާބެހޭ ޤާނޫނު) ގެ 50 ވަނަ މާއްދާގެ (ރ) ގައި ބަޔާންކުރާ ފަދަ އުޅަނދެއް ކަމާ މެދެވެ. ނަމަވެސް ދިވެހި ބަހުގެ ހަމަތަކަށް ބަލާއިރު  ޓޫރިޒަމާ ބެހޭ ޤާނޫނުގެ  50 ވަނަ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދަ "ޓޫރިސްޓް އުޅަނދު" ގެ ތަޢުރީފުގެ ތެރޭގައި "ރާއްޖެއަށް އަންނަ ބޭރުގެ ޓޫރިސްޓް އުޅަނދު" ނުވަތަ "ބޭރުގެ ޓޫރިސްޓް އުޅަނދު" ހިމެނޭކަމަށް ޝަރީއަތަށް ބުރަ ވެވޭތީ، އެމް.އެސް ކޮސްޓަރ ރޮމޭންޓިކާގައި ހުރި ޖުމުލަ 1500 އެނދަށް، ކޮންމެ އެނދަކަށް -/1,000ރ ރުފިޔާގެ މަގުން ކޮށްފައިވާ ޖޫރިމަނާ -/1,500,000ރ 17 ޖުލައި 2012 ން ފެށިގެން 2 މަސް ދުވަހުގެ ތެރޭގައި ސިވިލް ކޯޓަށް ދައްކާ ޚަލާސް ކުރުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

 

އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ މައްޗަށް މީރާއިން ދަޢުވާ ކޮށްފައިވަނީ އެލަޔަންސް މެނޭޖްމަންޓް ސަރވިސަސް ޕްރައިވެޓް ލިމިޓެޑުގެ އެޖެންޓު ކަމުގެ ދަށުން ރާއްޖެއައި ޓޫރިސްޓް އުޅަނދު އެމް.އެސް ކޮސްޓަރ ރޮމޭންޓިކާގައި ތިބި ޓޫރިސްޓުންގެ ބެޑް ޓެކްސްގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ދައްކާފައިވަނީ ކަނޑައެޅިފައިވާ މުއްދަތުގެ ފަހުން ކަމަށްވާތީ، ބެޑް ޓެކްސް ލަހުން ދެއްކުމުގެ ސަބަބުން ކޮށްފައިވާ ޖޫރިމަނާގެ ޖުމުލައަށްވާ -/1,500,000ރ ހޯދުމަށެވެ.

18-07-12