/ 2022 ވަނަ އަހަރަށް އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑި ފަސްކޮށްފި
News Image

2022 ވަނަ އަހަރަށް އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދައްކަންޖެހޭ ސުންގަޑި ފަސްކޮށްފި

22 ޖޫން 2023

2022 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުމުގެ ސުންގަޑި 9 ޖުލައި 2023 އަށް ފަސްކޮށްފައިވާކަމަށް މީރާއިން އިޢުލާނުކޮށްފިއެވެ. ސުންގަޑި ފަސްކޮށްދީފައިވަނީ މި ހިނގާ ޖޫން މަހުގެ ފަހު ހަފްތާ ޢީދު ޗުއްޓީއާ ދިމާވާތީ، 2022 ވަނަ އަހަރަށް ހުށަހަޅަންޖެހޭ އާމްދަނީން ނަގާ ޓެކްސް ބަޔާނާއި އެ ބަޔާނާއެކީ ހުށަހަޅަންޖެހޭ މާލީ ހިސާބުތައް ތައްޔާރުކޮށް ސުންގަޑިއަށް ހުށަހެޅުމަށް އިތުރު ވަގުތު ދިނުމަށް ކަމަށް މީރާއިން ކުރި އިޢުލާނުގައި ވެއެވެ. ހަފްތާ ބަންދާއި، ހައްޖާއި ޢީދު ބަންދާއެކު، މިމަހު 23 އިން ފެށިގެން 1 ޖުލައިގެ ނިޔަލަށް ސަރުކާރު ބަންދެވެ.

އާމްދަނީން ނަގާ ޓެކްސްގެ ސުންގަޑިއަށް ބަދަލުގެނެސްފައި ވި ނަމަވެސް، 2 ޖުލައި 2023 ގައި އަންނަ އެހެން އެއްވެސް ސުންގަޑިއަކަށް ބަދަލުގެނެސްފައި ނުވާކަން މީރާއިން ފާހަގަކުރެއެވެ. އެހެންކަމުން، ކުރިއެކޭ ވެސް އެއްފަދައިން، މޭ 2023 ގެ ޖީ.އެސް.ޓީ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން، މޭ 2023 ގެ ގްރީން ޓެކްސް ބަޔާން ހުށަހަޅައި ފައިސާ ދެއްކުން، މޭ 2023 ގެ އެއަރޕޯރޓް ޓެކުހާއި ފީގެ ބަޔާން ހުށަހަޅައި ފައިސާ ދެއްކުން އަދި 2023 ވަނަ އަހަރުގެ 3 ވަނަ ކުއާރޓަރުގެ ޓޫރިޒަމް ލޭންޑް ރެންޓް ދެއްކުމުގެ ސުންގަޑިއަކީ 2 ޖުލައި 2023 އެވެ.

މީރާއިން ބަލައިގަންނަ ޓެކްސްތައް ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކޮންމެ ތަނަކުން، ކޮންމެ ވަގުތަކު ވެސް އޮންލައިންކޮށް މީރާގެ އޮންލައިން ޕޯޓަލް 'މީރާކަނެކްޓް' މެދުވެރިކޮށް ޓެކްސް ބަޔާން ހުށަހަޅައި ފައިސާދެއްކޭނެތީ، މި ޚިދުމަތް ވީހާ ވެސް ގިނަ ފަރާތްތަކުން ބޭނުންކުރުމުކަމީ މީރާގެ ވަރަށް ބޮޑު އެދުމެކެވެ.

©   މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ